އިންޑިއާގެ ތޫތުކުޑި (ޓަމިލް ނާޑޫ) ގެ ބަނދަރުން، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 21 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެ ހަތަރު މީހަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފިއެވެ.
އިންޑިއާގެ ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގަތީ އެ ޤައުމުގެ ޑައިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެތަނުގެ އޮފިޝަލުންތަކެއް އެސަރަހައްދަށް ގޮސް ކުރި ތަހުޤީޤުންނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގަނެވިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝްގެ 12 ކިލޯކަން ތަހުލީލުތަކުން ވަނީ ހާމަވެފައެވެ. މިތަކެތީގެ މަގުމަތީ އަގަކީ 12 ކްރޯޑް އިންޑިއާ ރުޕީސް (21 މިލިއަން ރުފިޔާ) އެވެ.
މި މައްސަލައިގައި ޑީއާރްއައި އިން ހައްޔަރު ކޮށްފައިވަނީ ޖޭސޫރާޖާ (34އ.)، ސުދާކަރް (33އ.) ގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ އުޅަނދުގެ ފަޅުވެރިއެއް ކަމަށްވާ މަރިމުތު (30އ.) އާއި ސެންޓްރަލް އިންާސްޓްރިއަލް ސެކިއުރިޓީ ފޯސްގެ އޮފިޝަލެކެވެ.
މި މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް އެދިފައިވާ ކަމަށެވެ.




