ތިނަދޫ ސިޓީ ކައުންސިލަށް ވަނީ ހަޤީޤަތުގައި ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އޮފިޝަލުންތަކެއް ކަމަށް އޭސީސީން ބުނެފިއެވެ.
އެ ކައުންސިލަށް އޭސީސީގެ ނަމުގައި ބަޔަކު އިއްޔެ ވަދެ، ވައްކަން ކޮށްފައިވާ ކަމަށްބުނެ ތިނަދޫ ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އޭސީސީން ތަހުޤީޤު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން 26 ޖެނުއަރީ 2025 ވަނަ ދުވަހު އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަންގެ ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ކައުންސިލުގެ ފަރާތުން އެކަމަށްޓަކައި ފުރިހަމަ އެއްބާރުލުން ލިބިފައިނުވާކަން އޭސީސީން ފާހަގަ ކޮށްފައިވެއެވެ.
”އެހެންނަމަވެސް ޤާނޫނުއަސާސީއާއި އެންޓި ކޮރަޕްޝަންގެ ޤާނޫނުގެ ދަށުން މި ކޮމިޝަންގެ ޤާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާތްތައް ފުރިހަމަ ކުރުމަށްފަހު މިކޮމިޝަނުގެ ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައެވެ. އަދި މިކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގުވާހަކަތަކެއް ކަމުގައި ދަންނަވަމެވެ.“ އޭސީސީން ބުނެފައިވެއެވެ.
އޭސީސީން އިތުރަށް ބުނެފައިވަނީ އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ހަޤީޤަތާ ޚިލާފު މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާމެދު އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.



