މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވިޔަފާރިވެރިޔާ ސައުދުﷲ އަހުމަދު (52އ.) ނިޔާވި ލޯންޗު އެކްސިޑެންޓާ ގުޅިގެން، ފުލުހުން ކުރި ތަހުޤީޤު ނިންމައި، ލޯންޗުގެ ދެ ކައްޕި ކަމަށްވާ ހީނާވިލާ ކ. ކާށިދޫ / ޔާނިސް ހަމީދު (35އ.) އާއި ގްރީންހައުސް ހދ. ނޮޅިވަރަން / މުހައްމަދު ޖަމީލް (43އ.) އަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ދެވަނަ ފަހަރަށް ފޮނުވައިފި އެވެ.
ލޯންޗު އެކްސިޑެންޓުވި ހާދިސާ ހިނގާފައިވަނީ 20 އޭޕްރިލް 2023 ވަނަ ދުވަހުގެ ހަވީދު 4:42 ގައި ފޭދޫފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހިއެވެ. މި އެކްސިޑެންޓާ ގުޅިގެން ސައުދުﷲ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ރޭ 6:15 ހާއިރެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ”ސަސް އީ ސްޕީޑް“ ލޯންޗާއި ”އެމްޑަބްލިއުއެސްސީ މެރިން 2“ ލޯންޗު ޖެހިގެންނެވެ. ޔާނިސް ހަމީދު އާއި މުޙައްމަދު ޖަމީލަކީ އެކްސިޑެންޓު ހިނގި ދުވަހު އެ ލޯންޗުތައް ދުއްވަންތިބި ދެ ކައްޕިންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 2023 ޖޫން 4 ގައެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުވުމަށްފަހު ދެ ވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



