ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްކަމުގެ މަގާމުން އިބްރާހިމް ފައިސަލް މިއަދު ވަކިކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ފައިސަލް ވަކިކުރައްވައިފިކަން ރައީސް އޮފީހުން މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.
އެގޮތުން އެ އޮފީހުން ވިދާޅުވީ ފައިސަލް އެ މަގާމުން ވަކިކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލު ކުރައްވާފައި ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ފައިސަލް ވަކިކޮށްފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވީނަމަވެސް، ވަކި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.




