މާލެއިން ފޯލިކް އެސިޑް ހުސްނުވާ ކަމަށާއި ކުންފުނީގެ އެކި ބޭސްފިހާރަތަކުން އެ ބޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައި ވަނީ، މާލޭގެ ބޭސްފިހާރަތަކުން ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ސްޓޭޓް ފާމާއިން ބުނީ އެ ކުންފުނީގެ މައި ސްޓޮކްގެ އިތުރުން އެކި ބޭސްފިހާރަތަކުގައިވެސް ފޯލިކް އެސިޑް ލިބެން އެބަހުރި ކަމަށެވެ. އަދި ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން، ބޭހާ ގުޅޭގޮތުންނާއި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ އެކަން ސާފުކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށްވެސް ބުންޏެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ދިނުމަށް ސްޓޮކް ދެނެގަނެ، ބޭރުގެ ކުންފުނިތަކާ ގުޅިގެން ބޭސް އެތެރެކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން ބޭސް އެތެރެކުރުމަށް މިހާތަނަށް 3 ކުންފުންޏަކާއެކު އެއްބަސްވުން ގާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކުވެސް އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހަމައެއާއެކު، ބޭސް ރައްކާކުރާނެ ސްޓޯރޭޖުތައް ގާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ހުޅުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ. އެ ކުންފުނިން އަންދާޒާކުރާ ގޮތުގައި މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަންނަ އަހަރުގެ މެދުތެރޭގައި އެދެވޭ ހެޔޮ ބަދަލެއް އަންނާނެއެވެ.



