މެދު އިރުމަތީގެ ޣައްޒާއަށް އިޒްރޭލުން ދިގު 15 މަސް ދުވަހަށް ހަމަލާ ދިނުމަށްފަހު، އެ ހަނގުރާމަތައް ހުއްޓައިލުމުން، ރައްކާތެރިކަން ހޯދުމަށް އެކި ސަރަހައްދުތަކަށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުންނެއް ވަނީ އެމީހުންގެ އަމިއްލަ ބިމަށް އެނބުރި ދާން ފަށާފައެވެ.
ނަމަވެސް އެނބުރި އަމިއްލަ ފަސްގަނޑަށް ދިޔުމުން، އެމީހުންނަށް ފެނުނީ ހަލާކުކޮށް ބިމާހަމަކޮށްލާފައިވާ އިމާރާތްތަކެކެވެ. އެތަނެކޭ ހަނަފަސް ސަހަރެކޭ އެއްފަދައެވެ. އެހެންކަމުން އެތަނުގައި އަލުން އެ ނިކަމެތި ރައްޔިތުންނަށް އަމިއްލަ ދިރިއުޅުން ފެށެން އޮތީ، އަލުން އަނެއްކާ ގެދޮރު ބިނާކޮށްގެންކަން ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޣައްޒާގެ ބައެއް ރައްޔިތުން ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ.
ޣައްޒާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި 300،000 އަށްވުރެ ގިނަ ރައްޔިތުން މިހާރު ވަނީ އެމީހުންގެ އަމިއްލަ ބިމަށް އެނބުރި ގޮސްފައެވެ. އަދި އ.ދ އިން ވަނީ އެ ރައްޔިތުންނަށް އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން، އެ ހަނގުރާމަ ހިނގި 15 މަސްދުވަސް ތެރޭގައި ޣައްޒާއިން 47،317 މީހުން މަރާލައި، 111،494 މީހުން ޒަހަމް ކޮށްލާފައިވެއެވެ.


