ހއ. މުރައިދޫ ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދު އަޅުއްވައި ދެއްވައިފިއެވެ.
ޕޮލިސް ޕޯސްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ހއ. ގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މުރައިދޫއަށް ވަޑައިގަތުމަށްފަހުއެވެ.
ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އަދި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިމާން ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރަމުންދާއިރު މި އަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްވެގެންދިޔުމަކީ ސަރުކާރުގެ އަމާޒެކެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން އަންނަނީ ކުރަމުންނެވެ.



