ރައްޔިތުންނާ ބައްދަލުކޮށް ދައްކަވާ ވާހަކަތަކަކީ، ނުވަތަ ކުރައްވަވާ ވައުދުފުޅުތަކަކީ ކުއްލި ކުއްލިއަށްހަމަ ހުރެފަ ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދުރާލައި ކަންކަން ރާވައިގެން މަޝްވަރާކޮށްގެން ކުރައްވަން ތައްޔާރުވެގެން ދައްކަވާ ވާހަކަފުޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ. ގެ ބައެއް ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދެއްކެވުމުގެ ތެރެއިންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ވާހަކަ ދައްކަނީ ބަޖެޓު ނެތި ކަމަށްބުނެ ބައެއް ބޭފުޅުން ވާހަކަދައްކަވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ ހަޤީޤަތެއް ނޫން ކަމަށެވެ.
”ވަރަށް ސާފުކޮށް އަޅުގަނޑު ސަރުކާރުގެ ކަންކަން އަބަދުވެސް ހާމަކުރަން. ކެމްޕެއިނުގައިވީ ވައުދުތައް ވާނީ ފޮތެއްގައި ލިޔެފައި. ސަރުކާރުގެ ކަންކަން ތަރުތީބު ކުރެވިގެންދާ ގޮތް ވަރަށް ސާފުކޮށް އެކި ބައްދަލުވުންތަކުގައި ލިޔެކިޔުމުން އަޅުގަނޑު ވާނީ ހާމަކޮށްފަ.“ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު މަޝްރޫޢުތައް ކުރިއަށްގެންދަން ބޭނުންވި ބާރުމިނުގައި ކުރިއަށް ނުދިޔަ ސަބަބުތައް ވެސް ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށާއި މިދިޔަ އަހަރަށް ބަޖެޓު ލިބިގެންދިޔައީ އެއްވެސް ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ގެންދިޔުމަށް މަގުފަހިވާ ގޮތަކަށް ނޫން ކަމަށެވެ.



