ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ވިއެޓްނާމްގެ ހަތަރު އަންހެނަކާއި އެމީހުންގެ އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި އެ ޤައުމުގެ ފިރިހެނަކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 4 އަންހެނުންނާއި އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އޭޖެންޓާއި އެ 3 އަންހެނުން ރާއްޖޭގައި އުޅެމުންދިއައީ ވޯކް ވިސާގައި ކަމަށާއި މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށްފަހު، އޭގެ ތެރެއިން އެއް އަންހެނަކު މިހާރު ވަނީ ޑިޕޯޓުކޮށްފައި ކަމަށާއި ބާކީ ތިބި 4 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސްއިމިގްރޭޝަނުން ބުނެފައިވެއެވެ.
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.



