ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް އަބްދުﷲ ދުރުކުރަން މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޚަބަރު ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ދޮގު ކުރައްވައިފިއެވެ.
މި ވާހަކަ ފެތުރިފައިވަނީ، ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކި ކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމުން ފައިސަލް ވަކިކުރައްވާފައިވާކަން މިއަދު ރައީސް އޮފީހުން ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
މި ޚަބަރާއެކު ފެތުރެން ފެށި އިތުރު އަޑަކީ، މަޖިލިސް ރައީސްކަމުން އަބްދުއްރަހީމް ވަކިކުރުމުގެ މަޝްވަރާތަކެއް ޕީއެންސީން ފަށާފައިވާ ކަމަށެވެ.
އެގޮތުން އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އަދި ރަސްމީކޮށް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ މަޝްވަރާތަކެއް މިހާރު ފަށާފައިވާކަމަށް މިއަދު ވަނީ ޚަބަރު ފެތުރުފައެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އިން ސުވާލު ކުރުމުން ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހް ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ކޮށްފައިނުވާ ކަމަށާއި އެފަދަ ނިންމުމެއްވެސް ނިންމަވަން ނޫޅުއްވާ ކަމަށެވެ.
”ކަނޑައެޅިގެން ބޮޑު ދޮގެއް އެއީ“ ފަލާހް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި، މިނިސްޓަރުކަމުގެ މަގާމުން ފައިސަލް ވަކިކުރުމާ ގުޅިގެން، މަޖިލިސް ރައީސް އަބްދުއްރަހީމްއާއި ރައީސް މުޢިއްޒުގެ ގުޅުމަށް ވަނީ އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް މިކަން އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.



