ރަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާކުރުމަށް ”އެއްގެއިން އަނެއްގެއަށް“ ނަމުގައި ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، އެޗްޑީސީގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ”އެއްގެއިން އަނެއްގެއަށް“ ކެމްޕެއިނަކީ، އެއްގެއިން ބޭނުން ނުވާ، ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަން އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެއެވެ. މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށެވެ.
މި ފެށޭ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސޭނެއެވެ. އެގޮތުން، ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށެވެ.
މި ޕްރޮގުރާމުގެ މަގްސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅޭނީ ކޮންމެ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރު 01:00 އަށް، ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 މެންދުރުފަހު 02:00 އަށެވެ.
ތަކެތި ދޫކުރާ ގަޑިތަކަކީ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށް، ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 ހަވީރު 06:00 އަށެވެ.




