ސިޔާސީ ފިކުރު މުހިންމެއް ނޫން ކަމަށާއި ހިޔާލު ތަފާތުވިޔަސް ތަރައްގީ ހޯދަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ހއ. ގެ ބައެއް ރަށްރަށަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްދޫއަށް ވަޑައިގެން، ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަހަމަވާނެ ކަމަށާއި އެމީހެއްގެ ހުންނަ ސިޔާސީ ފިކުރު މުހިންމެއް ނޫން ކަމަށެވެ. އަދި ހިޔާލު ތަފާތުވިޔަސް ތަރައްގީ ހޯދަންވާނެ ކަމަށާއި ތަރައްގީއަކީ ސިޔާސީ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.
”ގައުމަށް ގެނެވޭ ތަރައްގީއެއް، ރަށަކަށް ގެނެވޭ ތަރައްގީއެއް، އެއީ ސިޔާސީ ކަމެއް ނޫން. އެއީ އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ މުސްތަގުބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ތަރައްގީ ގެނައުމަށް ހުރިހާ ރައްޔިތުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށާއި އެއީ އަމިއްލަ ނަފްސަށް ވެސް ކޮށްދެވޭ ކަމެއް ކަމަށެވެ.




