ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ ރާއްޖެ އައިސް އޭނާގެ ދިރިއުޅުމުގައި އައު ތަޖުރިބާތަކެއް ކޮށްފިއެވެ. އާއިލާއާއެކު ޝިލްޕާ މިވަގުތު ހުރީ ޖުމެއިރާ ހޮޅަހަލި އައިލެންޑު ރިސޯޓު ގައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް މިއަދު ކުރި ޕޯސްޓެއްގައި ޝިލްޕާ ވަނީ ޗުއްޓީ ހޭދަ ކުރުމަށް އިއްޔެ އޭނާ ކުރި ބައެއް ކަންކަން ހިއްސާ ކޮށްފައެވެ.
އެގޮތުން ޝިލްޕާގެ މުޅި ހަޔާތުގައި ވެސް މުޅިން އަލަށް ތިން ކަމެއް އިއްޔެ ކުރި ކަމަށް އޭނާ ބުނެފައިވެއެވެ.
އެއީ ޖެޓްސްކީ ދުއްވުމާއި، ކަނޑު އަޑީގެ މަންޒަރުތައް ބަލައިލުމާއި އަމިއްލައަށް ސުޝީ ހެދުން ކަމުގައި ވެސް ބުނެފައިވެއެވެ.
ކޮންމެ ތަސްވީރަކާ ބެހޭގޮތުން ވެސް ކުރު ތަފްސީލެއް ދެމުން، އެންމެ ފުރަތަމަ ޖެޓްސްކީ ދުއްވުމާ ބެހޭގޮތުން ޝިލްޕާ ބުނީ، އޭނާއަކީ އެއްގަމު އުޅަނދުފަހަރު އަމިއްލައަށް ދުއްވަން ބިރުގަންނަ މީހެއް ކަމަށާއި އެހެންކަމުން ދުވަހަކުވެސް ދުއްވާ އެއްޗެއް މީގެ ކުރިން އަމިއްލައަށް ދުއްވާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފިރިމީހާ ރާޖް ކުންދްރާގެ އެހީތެރިކަމާއެކު އިއްޔެ މޫދުގައި ޖެޓްސްކީ ދުއްވި ކަމަށާއި އެކަންވީ ވަރަށް ވެސް ހިތްހަމަ ޖެހުނު ތަޖުރިބާއަކަށް ކަމުގައި ވެސް ބުންޏެވެ.

ކަނޑުއަޑީގެ މަންޒަރު ބަލައިލުމަށް ޝިލްޕާ ގޮސްފައިވަނީ އޭނާގެ ފިރިމީހާއާއި ދެ ދަރިންނާއެކު ގައެވެ. އެ ތަސްވީރާ ބެހޭގޮތުން ޝިލްޕާ ބުނީ އޭނާއަށް ފަތަން ވެސް ނޭނގޭތީއާއި ޑައިވް ކުރުމާއި ސްނޯކްލިންގް ކުރަން ވެސް މީގެ ކުރިން ގޮސްފައި ނުވާތީ ދުވަހަކުވެސް ކަނޑުއަޑީގެ މަންޒަރުތައް ހަމަލޮލަށް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް، ސަބްމެރިންނެއްގައި ވިޔަސް ކަނޑުއަޑީގެ މަންޒަރުތައް ފުނުމުން އެކަންވެސް އިއްޔެ ހާސިލު ކުރެވިއްޖެ ކަމަށް ޝިލްޕާ ބުންޏެވެ.
އެންމެ ފަހު ތަސްވީރަކަށް އޭނާ ހިއްސާ ކޮށްފައިވަނީ ރެސްޓޯރަންޓެއްގެ ބަދިގޭ ތެރޭގައި އަމިއްލައަށް ސޫޝީ ހަދާ މަންޒަރެވެ. ކައިރީގައި ކައްކާއެއް އޭނާއަށް އެކަން ކުރަންވީ ގޮތުގެ އިރުޝާދުތައް ދެމުން ދިޔައިރު ޝިލްޕާއާއެކު އެ މަސައްކަތުގައި އޭނާގެ ފިރިހެން ދަރިފުޅު ވެސް ބައިވެރިވިއެވެ.
ވަރަށް ވެސް އުފާވެރި ހިތްހަމަޖެހޭ ވަގުތުތަކެއް ލިބުމުން ޝިލްޕާ ވަނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާ ކޮށްފައެވެ.




