ކުރީ ސަރުކާރުގެ ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ކުރީ ސަރުކާރުން އިސްނަގައިގެން ފެށި ”ބިންވެރިޔާ ސްކީމް“ ގެ ނަމުގައި ހިންގުނު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އުސޫލުތަކާ ޚިލާފަށް ބިންތަކެއް ދޫކޮށްފައިވާކަމުގެ ތުހުމަތުތަކަކާ ގުޅިގެން، އަކްރަމް ކަމާލުއްދީނާއި ހައުސިންގް މިނިސްޓްރީގެ ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްގެ އިތުރުން، ކުރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމާއި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
އެގޮތުން މި ތުހުމަތުތަކާ ގުޅިގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން އަމުރެއް ނެރުނެވެ. އެންމެ ފުރަތަމަ އެ އަމުރު ނެރުނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު މި މަހު 19 ވަަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަންނަ މަހު 18 ވަނަ ދުވަހުގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރެއް ވެސް ނެރެފައެވެ. އެގޮތުން އަކްރަމްގެ ފަރާތުން އިސްތިއުނާފު ކުރަން ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އެންމެ ފަހުން ނެރެފައިވާ އަމުރެވެ.




