ތަހުގީގީ އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގުތަކަށް އެއްބާރުލުންދީ، އެބޭފުޅުންގެ ތަހުގީގަށް ހުރަސް ނޭޅުމަށް ހުރިހާ ކައުންސިލުތަކަށް ވެސް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ގާނޫނުތަކަށް ކައުންސިލަރުން ތަބާވާން ގާނޫނުން ލާޒިމް ކުރާއިރު، ބައެއް ތަހުގީގީ އިދާރާތަކަށް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ހުރިހާ ކައުންސިލުތަކަކުން ވެސް ދިނުމަށާއި ތަހުގީގަށް ހުރަސް ނޭޅުމަށް އެލްޖީއޭ އިން އިލްތިމާސް ކުރައްވާފައިވެއެވެ.
އެލްޖީއޭ އިން މިހެން އަންގާފައިމިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލަށް އެ ކޮމިޝަންގެ އޮފިޝަލުންތަކެއް ދިޔުމުން، އެބޭފުޅުންގެ ތަހުގީގަށް އެ ކައުންސިލުން ހުރަސް އެޅުމާ ގުޅިގެންނެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިމަހުގެ 27 ވަނަ ދުވަހު ވަނީ، އެ ކައުންސިލަށް އޭސީސީގެ ނަމުގައި ބަޔަކު ވަދެ، އެތަނުން ވަގަށް ލިޔެކިޔުންތަކެއް ގެންގޮސްފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލައެއް ހުށަހަޅާފައެވެ.
އެދުވަހު އޭސީސީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޮފިޝަލުންތަކެއް ތިނަދޫ ސިޓީ ކައުންސިލަށް މިމަހުގެ 26 ވަނަ ދުވަހު ދިޔަކަމަށާއި ނަމަވެސް އެކައުންސިލުގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުދީ، މަސައްކަތަށް ހުރަސް އެޅިކަމަށެވެ.



