ތަކަންދޫ ކައުންސިލު އިދާރާގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދު ހެނދުނު، އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދައުލަތުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، ތަކަންދޫ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، ތަކަންދޫ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރައްވަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ”ހެކްސްޓަރ ގްލޯބަލް“ އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު އިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެން ދާނެއެވެ.




