ހއ. ތަކަންދޫގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް އެރަށުގައި ކަލްޗުރަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހއ. ގެ ބައެއް ރަށްތަކަށް އިއްޔެ ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތަކަންދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ތަކަންދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އެރަށުގައި ހުރި އާސާރީ ތަންތަން ވެސް ބައްލަވައިލައްވާފައެވެ. އެގޮތުން ރާއްޖޭގައި ހިރިގަލުގެ މަހާނަގާ އެންމެ ގިނައިން ހުރި ގަބުރުސްތާނު ބައްލަވާލައްވައި އަލިތަކުރުފާނުގެ ޒިޔާރަތް ވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.
އެއަށްފަހު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ތަކަންދުއަކީ ސަރުކާރުގެ ގައުމިއްޔަތު ތަރައްގީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.
”ހިރިގަލުން ބިނާވެފައި ހުރި ގަބުރުސްތާނު އެއީ، އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ އެންމެ ބޮޑު ގަބުރުސްތާނަށް ވުން ހިމެނޭ ކަމަށް. ކޮންމެ ގޮތެއް ވިޔަސް ވަރަށް ހިސްޓޯރިކް ވެލިއު ހައި، ހެރިޓޭޖް ވެލިއު ހައި ތަނެއް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ތަކަންދޫއަކީ ތާރީޚީ އެފަދަ ބިނާތައް ހުރި ރަށަކަށްވުމުން، އެ ރަށުގައި ކަލްޗުރަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށާއި އެކަމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.


