ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ދަންވަރު ވައްކަން ކުރަން އުޅުނު މީހަކު ދެނެގަނެވި، އެމީހާ ހައްޔަރު ކޮށްފިއެވެ.
”އެކްސް“ މެދުވެރިކޮށް ސްޓެލްކޯ އިން މިއަދު ބުނީ، ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި އެ ކުންފުނީގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށް ވަދެ، ވައްކަމުގެ އަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނިފައިވާ ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގުމުން އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، އެ ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
”މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން. އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރަން“ ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި އެކުންފުނީގެ ޓްރާންސްފޯމަރަކުން ދާދިފަހުން މީހަކު ވައްކަން ކުރަން އުޅެ، މާރާމާރީ ވެސް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ. އެމީހާ ވަނީ އެވަގުތު އެކަން ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީ، ޒަހަމްވެސް ކޮށްލާފައެވެ.




