ގއ. މާމެންދޫގައި މީގެ ހަތަރު އަހަރު ކުރިން ހިނގި މާރާމާރީއެއްގައި، އެރަށު ލިލީ އޮފް ދަ ވެލީ / އަހުމަދު އުދައްޔު އަށް ހަމަލާދީ މަރާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމި، ދެން އޮންނާނީ ހުކުމް ކުރުން ކަމުގައި މިއަދު ނިންމައިފިއެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ހުކުމް ކުރުން އޮންނާނީ މާރޗް މަހުގައި ކަމަށް، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު މިއަދު ވަނީ ނިންމާފައެވެ.
މިއަދު ބޭއްވި ޚުލާސާ ބަޔާން އިއްވުމުގެ ޝަރީޢަތުގައި، ޚުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ ވިދާޅުވީ މި މައްސަލައިގައި ހުކުމް ކުރުން މާރޗް މަހުގެ ދުވަހަކަށް ތާވަލު ކުރައްވާނެ ކަމަށެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ:
- އަހުމަދު ޝަމީމް، ރިހިފަރުދާގެ/ގއ. މާމެންދޫ
- ޝަރަފް ރަޝީދު، ބިލަތްމާގެ/ގއ. މާމެންދޫ
- މުހައްމަދު މާޒިން، ގުލްފާމުގެ/ގއ. މާމެންދޫ
މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާގެ ޝަރީއަތެވެ.
އުދައްޔު މަރާލީ 2021 ވަނަ އަހަރުގެ ފެބްރުއަރީ ގައެވެ. އޭނާ މަރާލި އިރު އުމުރުން 17 އަހަރެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ދައުލަތުން ދައުވާ އުފުލީ އެއިރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށެވެ. އަދި އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން 31 އޮކްޓޯބަރު 2022 ގައި ވަނީ ހުކުމް ކޮށްފައެވެ.



