ގދ. ތިނަދޫއިން 200 ހައުސިންގް ޔުނިޓަށް ކުރިމަތިލާން ކުރި އިއުލާނު ބާތިލު ކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ތިނަދޫ ކައުންސިލަށް އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން ތިނަދޫ ސިޓީ މޭޔަރު ސައުދުﷲ އަލީއަށް އެޑްރެސްކޮށް އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ސަރުކާރުން އިމާރާތްކުރާ ހައުސިންގް ޔުނިޓުތައް އިމާރާތްކުރުމާއި، އެތަންތަން އެކިފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި، ވިޔަރެސް ކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކުރެވޭ ހައުސިންގް ޔުނިޓުތައް ހަވާލު ކުރެވެމުން ދަނީ އެ މިނިސްޓްރީން އެންޑޯޒްކޮށް ހުއްދަދޭ އުސޫލާ އެއްގޮތަށް ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ތިނަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓަކީވެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުންދާ ޔުނިޓްތަކެއް ކަމަށްވެފައި އެ ޔުނިޓް ދޫކުރުން އަދި އިއުލާންކުރުމުގެ ކުރިން ޔުނިޓް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަން މަރުހަލާ ކުރިއަށް ގެންދަވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ޖެނުއަރީ 29، 2025 ގައި ކައުންސިލުން ހުޅުވާލީ މިނިސްޓްރީގެ ހުއްދަ ނެތިކަން ފާހަގަކޮށް، ތިނަދޫ ކައުންސިލުން ކުރި އެއިއުލާނު ބާތިލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.



