މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ފީނުމުގެ ތަމްރީން ލިބިފައިވާ ފަޅުވެރިއެއް ބެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރު 80 ޑައިވަރުން ތަމްރީނު ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮންމެ ދޯންޏެއްގައި ތަމްރީނު ލިބިފައިވާ ރެސްކިއު ޑައިވަރެއް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިޔަކު ”ރެސްކިއު ޑައިވަރ“ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުވެސް 56 ފަޅުވެރިއަކު މި ތަމްރީނު ފުރިހަމަ ކޮށްފައިވެއެވެ.
އެހެންކަމުން މިއަހަރުގެ ބަޖެޓުގައިވެސް މިމަސައްކަތް ކުރުމަށް ހިމަނާފައިވާ މިނިސްޓަރ ޝިޔާމް ވިދާޅުވެފައިވެއެވެ.
”އަޅުގަނޑު މި އުއްމީދު ކުރަނީ އަދި މިއަހަރު ބަޖެޓުވެސް ކޮށްފައި އޮންނާނީ 80 ޑައިވަރުން ތަމްރީނު ކުރުމަށްޓަކައި، އެެހެންނަމަވެސް އެއަށްވުރެ އަދަދު އިތުރުކުރުމަށް މިމަސައްކަތް ކުރަނީ. އަޅުގަނޑު ބޭނުންވަނީ މަދުވެގެން 3 އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ މަސްވެރި ފްލީޓުގައި މަދުވެގެން އެއް ޑައިވަރެއް ބެހެއްޓުމަށް “ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ތަމްރީނެއް ނެތި ފުޅިއަޅައިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތައް މަދުކުރުމެވެ.



