އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއާބެހޭ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިސް ސުޖާ ކޭ މެނޮން މިއަދު އެމްޓީއެލް ބްރިޖް ސައިޓަށް ޒިޔާރަތްކޮށް، މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައިފިއެވެ.
މި ޒިޔާރަތުގައި މިސް މެނޮންއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީ އަދި ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުގައި އެމްޓީއެލް ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެލުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
މި ޒިޔާރަތުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޓީއެލް ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ. މި ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.



