ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާންއަށްފަހު، އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ވެސް ބޮލީވުޑްގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އިބްރާހިމް ބޮލީވުޑްއަށް އަލަށް ތައާރަފްވަނީ ނެޓްފްލިކްސް އިން އަލަށް ދެއްކުމަށް ހަމަޖެހިފައިވާ ފިލްމު ”ނާދާނިޔާ“ އިންނެވެ.
މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު ކަރަން ޖޯހަރް އުފައްދާ މި ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި އިބްރާހިމް އާއެކު ހަރަކާތްތެރިވަނީ ޝްރީ ދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ.
އިބްރާހިމްއާ ބެހޭގޮތުން ކަރަން ޖޯހަރް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ، އިބްރާހިމްގެ މަންމަ އަމްރިތާ ސިންގްއާ އެންމެ ފުރަތަމަ ބައްދަލުވީ ކަރަންގެ ބައްޕަ އުފެއްދި ފިލްމެއް ކަމަށްވާ ”ދުނިޔާ“ ގައި ކަމަށާއި އެއިރު ކަރަންގެ އުމުރުން 12 އަހަރު ކަމަށެވެ. ނަމަވެސް އެއިރުވެސް އަމްރިތާގެ އަޚްލާގު ރަނގަޅުކަމާއި މީހުންނާ ގުޅޭ މިންވަރު ހާމަވި ކަމަށެވެ. އަދި އަމްރިތާގެ އެ ސިފަ ސާރާއާއި އިބްރާހިމްގެ ކިބައިން ވެސް ފެނުން ކަމަށް ކަރަން ބުނެފައިވެއެވެ.
އިބްރާހިމްގެ ފުރަތަމަ ފިލްމު ”ނާދާނިޔާ“ ނެޓްފްލިކްސް އިން ދެއްކުމަށް ހަމަޖެހިފައިވާއިރު، އެ ފިލްމު ރިލީޒް ކުރާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.




