ލ. އަތޮޅުގައި ހިންގާ ސިކްސް ސެންސެސް ރިސޯޓުގެ ރީޖަނަލް މެނޭޖަރުގެ ބޮލަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް، ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ ސިކްސް ސެންސެސް ރިސޯޓުގެ ރީޖަނަލް ގެނެރަލް މެނޭޖަރ މާޓީން ވެން ވެލް އަށެވެ. އޭނާއަށް ހަމަލާދިނީ ސްޓާފް ކުއާޓަރު ތެރެއިން މޫނު ނިވާކޮށްގެން ދިޔަ ބަޔަކު ކަމުގައި ވެސް އެނގިފައިވެއެވެ.



