އިންޑިއާއިން މިއަހަރު ރާއްޖެއަށް ތިން ލައްކަ ފަތުރުވެރިން ގެނައުމަކީ އަމާޒެއް ކަމުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.
މިއަހަރުތެރޭ އިންޑިއާއިން 3 ލައްކަ ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރްސީން އަމާޒުކޮށްފައިވާއިރު، އެ ޤައުމުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއްކޮށް، އިތުރު މަސައްކަތްތަށް ކުރުމަށް ވަނީ ރާވާފައެވެ.
އެގޮތުން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދިޔުމަށް ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނޭކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެއެމްއެމްޕީއާރުސީން ބުނީ އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއްކަމަަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 10،518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެޤައުމަކީ މިހާރު ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.



