ކެންސަރު ބަލިން ސަލާމަތްވެ ތިބުމަށްޓަކައި ދުންފަތާ ދުރުހެލިވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަސޭހަތް ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ނަސޭޙަތްދެއްވީ މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ފޮނުއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައެޅުމަށެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެކަށީގެންވާ ފިޔަވަޅުތަކާއި ޒިންމާދާރުކަމާއެކީ، ދުންފަތުން ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް އަޒުމް ކަނޑައަޅުއްވާ ކަމަށެވެ.
މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ރައްޔިތުން ދުރުކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ރާއްޖޭގައި ވޭޕް ކުރުމާއި، ވިއްކުމާ އެތެރެކުރުން ވެސް މަނާ ކުރުމުގެ އިތުރުން، މި ސަރުކާރުން ވަނީ ސިނގިރޭޓުގެ އަގުވެސް ކުރިއަށްވުރެ ބޮޑު ކޮށްފައެވެ.



