ދަނޑުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ ލަނޑުދަނޑި އަކަށްވާންވީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ސިނާއަތެއް ޤާއިމްކުރުންކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ދިވެރިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ އައިއޯއެފްއެސް ގުޅިގެން ކުރިއަށްގެންދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސްގައި ރޭގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގައި ކާބަފައިން ގޮންޖެހުންތަކުން އަރައިގަތީ އައު ގޮތްތައް ހޯދައިގެންކަމަށާއި އަމިއްލަވަންތަކަމާއި ޤައުމީ ރޫޚްގައިކަމަށެވެ. އެހެންކަމުން އަހަރެމެން އެކަންކަން ނަމޫނާއަކަށް ނަގާ، އެ ޒިންމާ އުފުލަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ދެމެހެއްޓެނިވި، އަމިއްލަ ފުދުންތެރި، ވާދަވެރި ދަނޑުވެރިކަމުގެ ދާއިރާއެއް ޤާއިމް ކުރުން“ މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަމުގެ ލަނޑުދަނޑިއަށް ވާސިލް ވުމަށްޓަަކައި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އަންހެނުންގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށެވެ.




