މަގުމަތީގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި، މި މަހުގެ 1 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އަންހެނެއްގެ ލައިސަންސް ހިފަހައްޓާ އޭނާ ދުއްވަން އިން ސައިކަލު ފުލުހުން ޓޯ ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އެދުވަހު ވިދާޅުވީ ހުޅުމާލެއިން މާލެއަަށް އަންނަ ލޭނުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައިހުރި ކޯނެއްގައި ޖެހި، އެދުވަހު ހެނދުނު 8:19 ހާއިރު ދުއްވާފައިދިޔަ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓުވީ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި ނަމަވެސް ފަރުވާދެމުން ދަނިކޮށް އެދުވަހު ހެނދުނު 9:05 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި މަރުވީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.
ނަމަވެސް މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އެމީހާ ވެއްޓިފައި އޮތް އިރު، އޭނާގެ ބޯމަތިން ސައިކަލެއް، ކޮންޓްރޯލުނުވެ، ގޮސްފައިވެއެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ، މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ވަނީ ސުވާލު ކޮށްފައި ކަމަށެވެ. އަދި އޭނާގެ ލައިސަންސް ހިފަހައްޓާ، ސައިކަލުވެސް ޓޯ ކޮަށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ފަރާތުން ތަރުޖަމާނު ވިދާޅުވިއެވެ.




