ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަސް އަހަރުގެ މުއްދަތަކަށް އެންސްޕާ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށްވެސް ފިނޭންސުން ބުނެފައިވެއެވެ.
އެ މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑު ހުށަހަޅަން ޖެހެނީ މިމަހުގެ 16 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ. އަދި ބިޑަށް ހުޅުވާލަނީ 17 ވަނަ ދުވަހު އެވެ.
އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން އަލުން އިއުލާނު ކޮށްފައިވާއިރު، އެ އިދާރާ ހިންގަން އިމާރާތެއް ހޯދަން މިދިޔަ އަހަރުގެ ޖޫން މަހުގައި ވެސް އިއުލާނެއް ކުރިއެވެ.



