ރާއްޖޭގައި ވޭޕް ކުރުން މަނާ ކޮށްފައި ވަނިކޮށް ބަޔަކު ވޭޕް ކޮށްގެން، ޖޫރިމަނާގެ ގޮތުގައި ފާއިތުވީ ދެ މަހު ދައުލަތަށް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ވޭޕް ކުރުމުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން 22 އަށް ވޭޕް ބޭނުން ކޮށްގެން ހަ މައްސަލައެއްގައި ހަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ޖޫރިމަނާ ކުރުމުގެ ތެރެއިން ޖުމްލަ 30،000 ރުފިޔާ ޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން 31 ގެ ނިޔަލަށް ވޭޕް ބޭނުން ކޮށްގެން ޖުމްލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 60،500 ރުފިޔާ ޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއަހަރުގެ ޖެނުއަރީ 1 އިން 31 ގެ ނިޔަލަށް، ވޭޕް ބޭނުންކޮށްގެން ޖުމްލަ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާ ކުރުމުގެ ތެރެއިން ޖުމްލަ 70،000 ރުފިޔާ ޖެހިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި:
° ވޭޕް ބޭނުންކޮށްފިނަމަ: 5000 ރ. ޖޫރިމަނާ
° ވޭޕް ވިއްކާ ކޮންމެ މީހަކު: 20،000 ރ. ޖޫރިމަނާ
° ވިއްކާ ކޮންމެ ވޭޕަކަށް: 10،000 ރ. ޖޫރިމަނާ
° ހިލޭ ވެސް ވޭޕެއް ދީފިނަމަ: 10،000 ރ. ޖޫރިމަނާ
އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.




