ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަޅަމުން އަންނަ ފްލެޓުތައް ހަވާލުނުކުރެވި ގިނަ ދުވަސްވަމުން އަންނައިރު، އެތަން އަޅަން ނަގާފައިވާ ލޯނުތަކުން ދައުލަތަށް ގެއްލުންވަމުން ދާ ކަމަށް ބުނެ އެ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް އެޑަރެސް ކުރައްވައި، މެންބަރު މުޙައްމަދު އިބްރާހިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ 4000 ފްލެޓަށް އިންޑިއާއިން ނަގާފައިވާ ލޯނަށް މަހަކު 23.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދައްކަމުން އަންނަ ކަމަށެވެ.
ފްލެޓުތައް ލިބޭ މީހުން ކަނޑައެޅިފައިވީ ނަމަވެސް، އެ ފްލެޓުތަކުގެ ކުއްޔާއި ފީތައް ނުނެގި އޮތީ މި ސަރުކާރުން މިހާރު ބަލަމުން ދާ ފްލެޓު ލިސްޓު މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އަދި ފްލެޓުތައް ހަވާލުކޮށްގެން ދައުލަތަށް ލިބޭ ފައިސާއިން ލޯނު ދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ލޯނު ދައްކަމުން ދަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މެންބަރު މުޙައްމަދު އިބްރާހިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިގޮތަށް ކަންކަން ހިނގަނީ ކީއްވެކަން ސާފުކުރުމަށް، އެފްޑީސީގެ ވެރިން މަޖިލީހުގައި އަލަށް އުފައްދާފައިވާ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.



