ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަޒުމް ކަމުގައި އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު ކަމަށެވެ.
އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދިނުމަކީ އެމަނިކުފާނުގެ އަޒުމެއް ކަމުގައި ވިދާޅުވިއެވެ.



