ނިމިދިޔަ 2024 ވަނަ އަހަރަށްވުރެ މިއަހަރު ރާއްޖޭގެ އިޤްތިޞާދު ކުރި އަރައިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރުގެ ޖަލްސާތައް ފައްޓަވާ ދެއްވުމަށް ރިޔާސީ ބަޔާން އިއްވެމުމަށް މިއަދު މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހިފަހައްޓައި، ބޭރު ފައިސާގެ އަގުވެސް މިހާރު ހިފެހެއްޓިފައިވާ ކަމަށެވެ.
ޤައުމުގެ އިޤްތިޞާދު އިތުރު ކުރުމަށް ގިނަ ކަންތައްތަކެއް މިއަހަރަށް ރާވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ދިވެހީން މި ފަސްގަނޑުގައި ދެމި ތިބުމުގެ އެންމެ އަސާސީ މައިގަނޑު ދެ ވަސީލަތަކީ ދަނޑާއި ކަނޑު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ ޒޯނެއް މިއަހަރު ޤާއިމުކުރެވޭނެ ކަމަށާއި ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ޤާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއް މިއަހަރު ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަޝްރޫޢު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.




