ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މި އަހަރުގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރުގެ ޖަލްސާތައް ފައްޓަވާ ދެއްވުމަށް ރިޔާސީ ބަޔާން އިއްވެމުމަށް މިއަދު މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރުގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ޒިޔާރަތްކުރުން. މި އަމާޒު ޙާޞިލުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ ކަމަށާއި މިއީ ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އިތުރު ކުރިއެރުމަކަށްވާނެ ކަމެއް ކަމަށެވެ.



