މި މަހުގެ ތެރޭގައި ފްލެޓު ލިސްޓު އިއުލާނު ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރުގެ ޖަލްސާތައް ފައްޓަވާ ދެއްވުމަށް ރިޔާސީ ބަޔާން އިއްވެމުމަށް މިއަދު މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ދަތިކަމަކީ މިވަގުތު ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިކަން ކަމަށާއި އެކަން ހައްލު ކުރުމުގެ ގޮތުން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފްލެޓު ލިސްޓު އާންމު ނުކުރުމުން ރައްޔިތުން ކަންބޮޑުވާ މިންވަރު ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ އެ ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރުމަށްފަހު މާތް ﷲ ގެ އިރާދަފުޅާއެކު މި މަހުގެ ތެރޭފައި ސައްޙަ ލިސްޓު އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.
”އިންޑިއަން އެގްޒިމް ބެންކުގެ ލޯނު އެހީގައި ކުރިއަށްދާ 4000 ފްލެޓު ނިންމުމާއި، އަދި އެ ފްލެޓުތައް ލިބޭނެކަމަށް އިއުލާނު ކޮށްފައިވާ 4000 މީހުންގެ ލިސްޓުގެ ސައްޙަކަން ބެލުން އޮތީ މި ސަރުކާރަށް ކުރަންޖެހިފައިވާ ބޮޑު ޙައްސާސީ މައްސަލައެއްގެ ގޮތުގައި. މާތް ﷲ ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްޙަކަން ބެލުމަށް ކުރަމުންދާ މަސައްކަތްތައްނިމި، މި މަހުގެ ތެރޭގައި ލިސްޓު އިއުލާނު ކުރެވިގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ފްލެޓުތައް ނިމެމުންދާ މިންވަރަކުން ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓުތައް ހަވާލުކުރަމުން ގޮސް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކަށް ހަވާލުކުރައްވާނެ ކަމަށެވެ.



