ބިން ހިއްކާ ނިމުނުހާ އަވަހަކަށް، ގިރާވަރުފަޅާއި ގުޅީފަޅު އަދި ހުޅުމާލެފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރު ފައްޓަވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވާ ދެއްވުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާ ކަމަށާއި މި މަސައްކަތްތައް ފުރިހަމަ ވެގެންދާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
”މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދިނުމަށް ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކުވެސް ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމާ، 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތަށް ގާއިމު ކުރަން ފެށުން.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުންމީދާ ގުޅިފައިވާ ރަށެއް ކަމަށެވެ. އެހެންކަމުން އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށެވެ.



