ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، އަދި މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، މާތް ﷲގެ އިރާދަފުޅާއެކު އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވެވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ފުޅާކުރެއްވުމަށްޓަކައި ޒަކާތު ހައުސް އުފެއްދެވުމުގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާ ހިއްސާ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އަދި ޒަކާތުގެ ނިޒާމު، ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށްޓަކައި ހަދަންޖެހޭ އުޞޫލުތަކާއި، ޤަވާޢިދުތައް އެކުލަވާލައި ފާސްކުރެއްވުމާއި، ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމުގެ ގޮތުން ”އިންޒެކް“ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވުނުކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
”މާތް ﷲ ގެ އިރާދަފުޅާއެކު މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު، ކުރިޔަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް. ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުމަކީ މިކަމުގައި އަޅުގަނޑު މިހާރުވެސް ގެންގުޅުއްވާ މަންހަޖު“ ރައީސް ވިދާޅުވިއެވެ.
ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓަވައި، އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރައްވައި، އިސްލާމީ ޝަރީޢަތް ނަގަހައްޓަވައި، އިސްލާމީ އުސޫލުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ދެއްވިއެވެ.



