ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުޢީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، މާތް ﷲގެ އިރާދަފުޅާއެކު، ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ގެންނެވުމުގެ މަސައްކަތް މިހާރު ފެށިފައި ވާ ކަމަށާއި، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ރަނގަޅު އިޞްލާޙުތަކެއް ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ޖިނާޢީ އަދުލުގެ ނިޒާމު އިޞްލާޙުކޮށް ރައްޔިތުން އިތުބާރުކުރާ ހަރުދަނާ ނިޒާމަކަށް ހެދުމުގެ މަސައްކަތަކީ، ކޮންމެހެން އިސްކަންދޭންޖެހޭ، މުހިންމު މަސައްކަތެއްކަމުގައި ވިދާޅުވެ ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މިނިޒާމު ހަރުދަނާކުރުމަށް ތަޙުޤީޤުކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާޢީ ވަކީލުންނަށް ޚާއްޞަ ތަމްރީންތައް ދިނުން ފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދެއްވާން ގަސްތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށްވެސް ރަނގަޅު އިޞްލާޙުތަކެއް ގެނެވޭނެ ކަމަށާ، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޚާއްޞަ ކޯޓުތައް، މާތް ﷲގެ އިރާދަފުޅާ އެކު، ޤާނޫނީ ނިޒާމުގެ ތެރެއިން ތަޢާރުފު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢު ތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިޢުތިރާފުގެ އެއްބަސްވުމުގެ އެހީގައިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހަދައި، ޤާޟީންގެ ޢަދަދު ކިތަންމެ ގިނަ ކުރި ކަމުގައި ވީ ނަމަވެސް، މި ދެނިޒާމް ރަނގަޅަށް ނުހިންގާ ޖިނާޢީ ޢަދުލުގެ ނިޒާމަށް އެކަށީގެންވާ ޙައްލެއް ލިބެން ނެތް ކަމަށެވެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ގަސްތުކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ޕަބްލިކް ޑިފެންޑަރސް އޮފީހެއް ޤާއިމުކުރައްވައި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަޚްޞީޞް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށާއި، މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑަރސް އޮފީސް ޤާއިމުކުރުމާބެހޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މި ނިޒާމް ޤާއިމުކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




