ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނަކީ އެތައް ރައްޔިތުންތަކެއްގެ އުއްމީދުތައް އާވެގެންދިޔަ ބަޔާނެއް ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިހުގެ ދައުރު ފައްޓަވާދެއްވުމަށް ރައީސް މުޢިއްޒު މިއަދު ހެނދުނު ވަނީ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވާފައެވެ.
އެ ބަޔާނުގައި އެ މަނިކުފާނުގެ ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އެތައް މައްސަލަތަކެއް މިދިޔަ އަހަރު މޯލްޑިވްސް އިމިގްރޭޝަނުން ހައްލުކުރިކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ”އިމިގްރޭޝަން ވޮޗް“ ތަޢާރަފުކުރެވި، މިހާތަނަށް އިމިގްރޭޝަން ވޮޗްއަށް 1297 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ 11 މައްސަލަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަދި 17 ނޮވެންބަރު 2023އިން ފެށިގެން މިއަދާ ހަމައަށް 24540 ބިދޭސީން ރެގިއުލަރައިޒް ކުރެވިފައިވާ ކަމަށާއި އޭގެ ކުރީގެ ފަސް އަހަރު 2018 އިން 2023 އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21425 ބިދޭސީންކަން ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރަށް ހައްލު ކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅާ ގުޅިގެން ”އެކްސް“ މެދުވެރިކޮށް ޝަމްއާން މިއަދު ވިދާޅުވީ ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނަކީ އެތަކެއް ރައްޔިތުންގެ އުއްމީދުތަކެއް އާވެގެން ދިޔަ ރިޔާސީ ބަޔާނެއް ކަމުގައެވެ. އަދި އެއީ ވޭތުވެދިޔަ އަހަރު ހާސިލު ކުރެވިފައިވާ މުހިއްމު ގިނަ ކަންތައްތަކަކާއި ނެރެވިފައިވާ ނަތީޖާތަކެއްގެ މަޢުލޫމާތު ލިބިގެންދިޔަ ރިޔާސީ ބަޔާނެއްކަން ވެސް ޝަމްއާން ފާހަގަ ކުރެއްވިއެވެ.
އެގޮތުން ހާއްސަކޮށް ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތާއި ކުރަމުންދާ މަސައްކަތާއި އަދި ކުރުމަށް ރޭވިފައިވާ މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިކަން ވެސް ޝަމްއާން ފާހަގަ ކުރައްވާފައިވެއެވެ.




