ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ”ޕަބްލިކް ޑިފެންޑާސް އޮފީސް“ ގެ ނަމުގައި ދައުލަތުގެ ދިފާއީގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު އިތުރުކުރުމަށްޓަކައި މި އޮފީސް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި މިފަދަ އޮފީސްތައް ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ޤައުމުތަކުގައި ހުންނަކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ، މި އޮފީހުގެ މައިގަނޑު މަސައްކަތަކަށް ވާނީ، އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުން ހަމަޖައްސައިދިނުން ކަމަށެވެ. މިގޮތުން، ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭނެ ގޮތަށް މި ނިޒާމު ބައްޓަންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާ ބެހޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ނިޒާމު ގާއިމުކުރުމުން ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ރައީސް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.




