ސަރުކާރުން މާލެ އަތޮޅުގެ ފަޅެއްގައި ޤާއިމުކުރުމަށް ރާވާފައިވާ ފްލޯޓިން ސޯލާ ޕްރޮޖެކްޓުން އުފައްދާ ކަރަންޓުގެ ސަބަބުން އަހަރަކު 43 މިލިއަން ޑޮލަރު ޤައުމަށް ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި، މި މަޝްރޫޢު ހިންގުމަށްޓަކައި ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރުގެ މެދުތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އިޢުލާނުކުރެއްވިއެވެ.
ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވުނު ފޯރަމެއްގައި ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވީ މި ޕްރޮޖެކްޓުން 100 މެގަވޯޓަށްވުރެ ގިނަ ކަރަންޓު އުފެއްދޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިހާރު ރާއްޖޭގައި ތެލުން ކަރަންޓު އުފެއްދުމާ އަޅާބަލާއިރު، މި ޕްރޮޖެކްޓުން އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މި މަޝްރޫޢުގެ މަސައްކަތް 2027 ވަނަ އަހަރު ނިމި، އޭގެ މަންފާ ލިބެން ފަށާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި އުފައްދާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިޢާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި، މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ނިމިދިޔަ އަހަރު އިރުގެ އަލިން 15 މެގަވޯޓުގެ ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.



