އެމެރިކާގެ އިންޓަލިޖެންސް ބްރީފިންގްތަކުގެ މައުލޫމާތުތައް ކުރީގެ ރައީސް ޖޯ ބައިޑަންއަށް ލިބުން، އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްޓުވައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ، ޤައުމުގެ އެފަދަ މައުލޫމާތުތަކެއް މިހާރު ބައިޑަންއަށް ލިބުމަކީ ކޮންމެހެން ބޭނުންކަމެއް ނޫން ކަމަށާއި އެހެންކަމުން އެފަދަ މައުލޫމާތުތައް ބައިޑަންއަށް ލިބުމުގެ ހުއްދަ މިއަދުން ފެށިގެން ބާތިލު ކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމާބެހޭ ގޮތުން ޓްރަމްޕް އިތުރަށް ބުނީ، މި ފިޔަވަޅު އަޅަން ގަސްދުކުރީ ކުރިން އޭނާއާމެދު ބައިޑަން ވެސް އެފަދައިން އަމަލުކޮށްފައިވާތީ ކަމަށެވެ. ބައިޑަން ވަނީ ޓްރަމްޕްގެ ވެރިކަން ނިމުމުން ރައީސްކަމާ ހަވާލުވުމަށްފަހު، އެމެރިކާގެ އިންޓެލިޖެންސް ބްރީފިންގްތަކުގެ މައުލޫމާތުތައް ޓްރަމްޕަށް ލިބުން ބާތިލު ކޮށްފައެވެ. އަދި އެއިރު ބައިޑަން ވެސް ބުނެފައިވަނީ އެއީ ޓްރަމްޕަށް ކޮންމެހެން ލިބެންޖެހޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
މީގެއިތުރުން ޓްރަމްޕް ބުނީ ބައިޑަން ވެރިކަން ހިންގާފައިވާ ގޮތުން އޭނާއަށް އެމެރިކާއާބެހޭ އެފަދަ ނާޒުކު މައުލޫމާތުތައް ލިބުމަކީ ރަނގަޅުކަމެއް ކަމުގައި ނުދެކޭ ކަމަށާއި ބައިޑަންއަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށެވެ. އަދި ބައިޑަން މިހާރު އުމުރުން ދުވަސްވެފައިވުމުން މިފަދަ މައުލޫމާތުތަކުގެ ސިއްރުކަން ނުހިފެހެއްޓޭނެ ކަމަށް ޤަބޫލުކުރާ ކަމުގައި ވެސް ޓްރަމްޕް ބުންޏެވެ.




