މީހެއްގެ އައިޑީ ކާޑާއި ޒާތީ މައުލޫމާތަށް އެކްސެސްކުރުމުގެ ކުރިން، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުންވެސް ރުހުން ހޯދަން ޖެހޭ ގޮތަށް ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތް ގާއިމްކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވެފައިމިވަނީ، މީހުންގެ އައިޑީކާޑުގެ ކޮޕީއާއި މައުލޫމާތު ހޯދައިގެން ”ވަގަށް“ ސިޔާސީ ޕާޓީތަކަށް ވައްދާކަމުގެ މައްސަލަތަކެއް ހޫނުވެފައިވަނިކޮށެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ އިހުސާން ވިދާޅުވީ އީ-ފާސްގައި ހިމެނޭ ޑިޖިޓަލް އައިޑީ ކާޑުގެ ހިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޒާތީ މައުލޫމާތު ވެސް ރައްކާތެރިކުރެވޭނެ ގޮތަކަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވީ ނިޒާމު ބައްޓަން ކުރާނީ މީހުންގެ ރުހުން ހޯދުމަށް ފަހު ނޫނީ އިދާރާތަކަށް އެ މައުލޫމާތަށް އެކްސެސް ނުކުރެވޭނެ ގޮތަކަށް ކަމަށެވެ.
”އިންޓަނޭޝަނަލް ސްޓެންޑަޑަށް އޭތި ފަންކްޝަން ކުރަމުން އަންނަ އިރު ޕްރައިވެޓް ސެކްޓާގެ ތަނަކުން ވިޔަސް، ނުވަތަ ހިދުމަތް ފޯރުކޮށްދޭ [ދައުލަތުގެ] ފަރާތަކުން އެކްސެސްވާ ކަމުގައި ވަނީ ނަމަ އެ މީހާގެ ކޮންސެންޓް އެ ކަމަށް ބޭނުންވާނެ. އެ ކޮންސެންޓާ އެކުގައި އެ އިދާރާއަކުން އެ ކަން ކުރާނީ“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ރުހުން ދިނުމަށް ފަހު އިދާރާއަކުން މައުލޫމާތަށް އެކްސެސްވުމުން އެ ކަން ފެންނާނެ ގޮތަށް ބައްޓަން ކުރާނެ ކަމަށާއި ނިޒާމަށް އާންމުންގެ އިތުބާރު އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.



