ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދޭނެ 600 އަށްވުރެ ގިނަ ސެން ޓީޗަރުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަން ”ރިޔާސީ ބަޔާން 2025“ ގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގެ ސުކޫލުތަކުގައި މިހާރު ކިޔަވައިދޭ ޓީޗަރުން މަދު ކަމަށެވެ.
އެގޮތުން މިހާރުވެސް 230އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ރާއްޖޭގެ ސުކޫލުތަކަށް ބޭނުންވާ ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ’ސެން‘ ޓީޗަރުން ގިނަ އަދަދަކަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް މުޢިއްޒުގެ ޚާއްސަ ލަފައާ އެއްކޮށް، ޓީޗަރުންނަށް އޯގާތެރިވެގެން މި ދާއިރާއަށްއަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިގޮތުން، މިނިސްޓަރު ޝަފީއުވަނީ ތައުލީމީ ދާއިރާއަށް އިތުރަށް ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.



