ދެ ރަށެއްގެ ކައުންސިލު އަދި 10 ރަށެއްގެ އަންހެނުންގެ ތަރައްޤީ ކުރިއަރުއަރުވާ ކޮމިޓީ (ޑަބްލިޔުޑީސީ) ބައި-އިލެކްޝަން ވޯޓުލުން މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.
މި އިންތިހާބާ ގުޅިގެން ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ އެ ރަށެއްގެ ސްކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާފަންނު މަދަރުސާގަ އެވެ.
މިއަދު ވޯޓުލުން ކުރިއަށްދަނީ:
° ހދ. މަކުނުދޫ ކައުންސިލް މެންބަރާއި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ބައި-އިލެކްޝަން، އަދި
° ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން، ގެ އެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް މިހާރު ބާއްވަނީ އަހަރަކު ދެ ފަހަރު އެވެ.



