ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ ޤައުމިއްޔަތާއި މިނިވަންކަން ނަގަހައްޓައި، ތަރައްޤީގެ ފުރިހަމަ ޔަގީންކަންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން އިއްޔެ ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ، ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި، އަދުގެ ސަރުކާރުން ޤައުމިއްޔަތައް ދެއްވާ އިސްކަން ފާހަގަކުރެވޭނެ ކަމަށެވެ.
ތަރައްޤީގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގެ މައުލޫމާތުތައް ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައިވާއިރު، ތަރައްޤީވެފައިވާ ޤައުމަކަށް 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރަށް ވާސިލްވުމަށް ކުރަންހުރި މަސައްކަތްތައް ރިޔާސީ ބަޔާނުން ފާހަގަވެގެން ދިޔަކަން ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފިރުޒުލް ފާހަގަ ކުރެއްވި ގޮތުގައި ޤައުމީއްޔަތު އިޔާދަ ކުރުމުގެ މުހިންމު މަސައްކަތުގެ ތެރެއިން ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްތައް ރިޔާސީ ބަޔާނުން ފާހަގަކުރެވުނެވެ. އޭގެތެރޭގައި ތަރިކަ ދިރުވައި އާލާކުރުމުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަން ދިނުމުގެ މަސައްކަތުން ފިރުޒުލް މިސާލު ނެންގެވިއެވެ.



