ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް 2024 ވަނަ އަހަރަށް ނިމިދިޔަ ސަރުކާރުން ފާސްކޮށްފައިވަނީ 53.1 ބިލިއަން ރުފިޔާ އެވެ.
އެ ބަޖެޓުން ދައުލަތުގެ އެކި ޚަރަދުތަކަށް ހޭދަކޮށްފައިވާ ގޮތުގެ ކުރު ތަފްސީލެއް ރައީސް އޮފީހުން މިއަދު ”އެކްސް“ މެދުވެރިކޮށް ވަނީ އާންމުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިއްވަވައިދެއްވި ރިޔާސީ ބަޔާނުގެ ޚުލާސާއާއެކު، ރައީސް އޮފީހުން ހާމަކޮށްފައިވާ ތަފްސީލުތަކުގައި ބަޔާން ކޮށްފައިވަނީ، 2024 ވަނަ އަހަރުގެ 53.1 ބިލިއަން ރުފިޔާގެ ބަޖެޓުން 34.8 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ރިކަރެންޓު ޚަރަދުތަކަށް ކަމަށެވެ.
އެގޮތުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 13.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އިންޓަރެސްޓުގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ.
މީގެއިތުރުން އެކިކަހަލަ ގްރާންޓުތަކާއި ސަބްސިޑީތަކަށް 10.5 ބިލިއަން ރުފިޔާ އަދި އޮޕަރޭޝަނަލް ޚިދުމަތްތަކަށް 6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުން ޚަރަދު ކޮށްފައިވަނީ 18.3 ބިލިއަން ރުފިޔާއެވެ. އެއީ:
° ޕީއެސްއައިޕީ މަޝްރޫޢުތަކަށް 11.4 ބިލިއަން ރުފިޔާ
° ޕްރިންސިޕަލް ލޯން ރިޕޭމަންޓަށް 2.3 ބިލިއަން ރުފިޔާ
° އިންވެސްޓްމަންޓުތަކަށް 2.1 ބިލިއަން ރުފިޔާ
° ކެޕިޓަލް އިކުއިޕްމަންޓާއި އެފަދަ އެހެނިހެން ތަކެއްޗަށް 1.8 ބިލިއަން ރުފިޔާ
° ލޯނު އިޝޫކުރުމަށް 0.7 ބިލިއަން ރުފިޔާ
މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން ލޯނުތަކާއި ބިލުތައް ދެއްކުމަށް ދައުލަތުން ޚަރަދު ކޮށްފައިވަނީ:
° ބޭރުގެ ދަރަނިތައް އަދާކުރުމަށް 3.9 ބިލިއަން ރުފިޔާ
° އެތެރޭގެ ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ
° ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާއެކު ހަދާފައިވާ އެގްރިމެންޓުތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ
މިދިޔަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމްލަ 35 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.



