ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ މަޢުލޫމާތު ރީޖަނަލް ޑިވެލޮޕްމަންޓް ކޮމްޕެނީ (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ ތ. ތިމަރަފުށީގެ ސޯސަން މަގުގައި އަލުން ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި ހަމަ އެ މަގުގައި މަގު ކޮނުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، ގއ. ކޮލަމާފުށީގެ ސޯސަން މަގުގައި ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުދެ ދިޔެ ހިނގުމުގައި ލައިޓް ޕޯސްޓްގެ ބިންގާ އެޅުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.
ގއ. ވިލިނގިލީގައި ވެސް މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފައިވެއެވެ. މިގޮތުން، ފޭސް 2 ގެ މުޙައްމަދު ކިލެގެފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ބަރާސީލު މަގުގައި 11 މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ސައުތު ރީޖަންގެ އެކި ރަށްރަށުގައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެނގެއެވެ. މި މަސައްކަތްތަކުގެ ސަބަބުން އެ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




