ލ. އިސްދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލައިފިއެވެ.
އިންޑިޔާ ސަރުކާރުގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން 2023 ވަނަ އަހަރު ފެށުނު މިމަޝްރޫޢު އަކީ ދަށުން ދެ އާރްއޯ ޕްލާންޓް ބަހައްޓާފައިވެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދެ ޕްލާންޓުގެ ޖުމްލަ ކެޕޭސިޓީއަކީ 110 ޓަނެވެ. އަދި 60 ޓަނުގެ ވާރޭފެން ޕްލާންޓެއްވެސް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން، ވާރޭފެން ރައްކާކުރުމަށް 400 ޓަނުގެ ޓޭންކަކާއި، ބޯފެން ރައްކާކުރުމަށް 415 ޓަނުގެ ދެ ޓޭންކު ބަހައްޓާފައިވާ ކަމަށް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މި މަޝްރޫޢުގެ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް އިސްކަންދީފައިވާއިރު، 25 ކިލޯވޮޓުގެ ސޯލަރ ޕެނަލް ސިސްޓަމެއް ޤާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ފެނުގެ ނިޒާމު އޮޕަރޭޓަރާ ޙަވާލުކޮށް މިހާރު ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ރަށުގެ 245 ގޭބީސީއަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އިސްދޫގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންދިޔަ އެސްއެމްސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް އިންނެވެ. މި ދެ މަޝްރޫޢަކީވެސް އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ހިންގުނު މަޝްރޫޢުތަކެކެވެ.



