މިއަހަރުގެ ނިޔަލަށް ތިން ސަރަޙައްދެއްގައި ބްލަޑް ބޭންކު ޤާއިމުކުރެވޭނެކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއީ ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފުރިހަމަ ބްލަޑް ބޭންކު ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން ގާއިމުކުރެވޭ ބްލަށް ބޭންކުތަކެއް ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސިއްޙަތާބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ފިޒްނީ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު، އަދި ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފުރިހަމަ ބްލަޑް ބޭންކުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ 2024 ވަނަ އަހަރު އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްފައިވާ ބްލަޑް ބޭންކުގެ ޚިދުމަތް ފުޅާކޮށްފައެވެ.
ފިޒްނީ އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ތިބި ތެލަސީމިއާ ކުދިންނާއި އެހެނިހެން ފަރާތްތަކަށް ބޭނުންވާ ލޭ ލިބުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
”މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ވާނީ ހަމަޖެހިފައި. އެއްވެސް ރަށަކުން ބޭސް ހޯދަން އެހެން ރަށަކަށް ދާކަށް ނުޖެހޭނެ. އަދި މިހާރު ދެ ސަރަޙައްދެއްގައި ފުރިހަމަ ބްލަޑް ބޭންކުތައް ޤާއިމުކުރެވިފައި ހުންނާނެ،“ ފިޒްނީ ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންގެ ނިސްބަތް މަދުކުރުމަށް ”ތެލަސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސްޓްރެޓެޖިކް އެކްޝަން ޕްލޭން“ ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.



